ހަނިމާދޫ
ހަނިމާދޫއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން 5 ވަނައަށް އެންމެބޮޑު ގުދުރަތީ ބިން މިންވަރު ކުރެއްވި އެއްރަށެވެ. މި ރަށުގެ އާބާދީގެ ތެރެއިން %70 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ރަށުގައެވެ. މިރަށުގައި 2664 އަށްވުރެ ގިނަ ދޭސީން ނާއިއެކު، ބިދޭސީ 769 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ( ސޯސް: 2022 ބޯހިމެނުން).
މިރަށުން 945 ގޯތި ދޫކުރެވިފައިވާއިރު މީހުން ދިރިއުޅެނީ 513 ގޯތީގައެވެ. 2023 ވަނަ އަހަރުގައި 3000 އަކަފޫޓުގެ 200 ގޯތި އިތުރަށް ދޫކުރެވިފައިވެއެވެ. މިރަށުގެ އާބާދީ އިތުރުވާ ނިސްބަތަކީ 2% އެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް މިނިސްބަތުން މިރަށުގެ އާބާދީ 3700 އާއި ގާތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
މިރަށުގެ ރައްޔިތުން މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ ސަރުކާރު ވަޒީފާ އަދާކުރުމުގެ ދާއިރާތަކުގައެވެ. ފަތުރުވެރިކަމާއި، މަސްވެރިކަން، ކާބޯތަކެތި އުފެއްދުމާއި، ވަޑާންކުރުމާއި، ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް އަދި ދަނޑުވެރި ކަމުގެ ސިނާއަތް ރަނގަޅު މިންވަރެއްގައި މިރަށުގައި ކުރިއަރަމުން އެބަދެއެވެ.
މިރަށުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ޤާއިމުކޮށްފައިވުމުން އެބަނދަރުގެ ފަހިކަން މިސަރަޙައްދުގެ ދަތުރުވެރިންނަށާއި ފަތުރުވެރިންނަށް ލިބެމުން ދެއެވެ. އަދި އެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއެއް ދައުލަތުން ފަށްޓަވައި ދެއްވާގެން މަސައްކަތް ތާވަލާއި އެއްގޮތަށް ކުރަމުން އެބަގެންދެއެވެ. މިރަށުގައި ފަތުރުވެރިންނަށް އަމާޒުކޮށް ސިޓީ ހޮޓަލަކާއި 11 ގެސްޓްހައުސް ހިންގަމުންދާކަން ފާހަގަކޮށްލަމެވެ. ސްނޯކްލިންގ، ޑައިވިންގ، މޫދު ކުޅިވަރުތައް އަދި ސްޕޯރޓް މަސްވެރިކަމާއި ފޮޓޯ ނެގުން ފަދަ ޚިދުމަތް މިރަށުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން ދެމުން ގެންދެއެވެ.
ލަފާ ފުރުމަށްޓަކައި 1200 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރެއް ފެރީ ޓާރމިނަލެއް ހިމެނޭހެން ތަރައްޤީ ކުރެވިފައިވެއެވެ. ބަދަރުގައި 2 ފަންގިފިލާއަށް މަސް މާރުކޭޓެއް ރެސްޓޯރެންޓަކާއިއެކު ޤާއިމުކުރެވިފައި ވެއެވެ. ބަދަރު ސަރަޙައްދުގައި ލޯކަލް މާރުކޭޓެއް އެޅުމުގެ ވިސްނުން ކައުންސިލުން ގެންގުޅެއެވެ. ޑީސަލާއި ޕެޓްރޯލް ލިބޭނެ އިންތިޒާމް ބަދަރުގައި ޤާއިމު ކުރެވި، ބަދަރު ސަރަޙައްދުން ވިޔަފާރިތަކަށް ބިން ދޫކުރެވިފައި ވެއެވެ. ޒަމާނީ ފެންވަރަށް ހަނިމާދޫގެ މަގުތައް ހެދިފައިވެއެވެ. ފުލުހުންގެ ޚިދުމަތް ދިނުމަށް (ޕޮލިސްސްޓޭޝަނެއްގެ ޚިދުމަތް) ކައުންސިލްގެ އިމާރާތެއްގައި ދެމުންދެއެވެ. އަދި ޕޮލިސް ސްޓޭޝަނެއް އެޅުމަށް 2024 ވަނަ އަހަރު ސަރުކާރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. ކަސްޓަމްސްގެ އޮފީހެއް ޤާއިމު ކުރެވިފައިވެއެވެ. ކަރަންޓްގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން 24 ގަޑިއިރު ދެމުން ގެންދެއެވެ.
މިރަށުގައި ސިއްހީ މަރުކަޒެއް ހުރެއެވެ. އެ މަރުކަޒުގައި ޑޮކްޓަރުން ތިއްބަވާއިރު އެތަނުން 24 ގަޑިއިރުގެ ޞިއްޙީ ޚިދުމަތް ރައްޔިތުންނަށް ދެމުންގެންދެއެވެ. 2022 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ހިމަނުއްވާ 3 ފަހަރެއްގެ މަތިން ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރެވި ބަޔަކާއި ހަވާލުކޮއްފައިވެއެވެ. ނަމަވެސް، 2023 ވަނަ އަހަރު ނިމިގެން ދިޔައީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނުފެށިއެވެ.
ހަނިމާދޫ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖް ކްލާސްތަކުން ފެށިގެން ގްރޭޑް 10 އަށް ކިވައިދެމުން ގެންދެއެވެ. މީގެ ކުރިން އޭލެވެލްއަށް ހަނިމާދޫ ސްކޫލުގައި ކިޔަވައިދެމުން ގޮސް ސްކޫލުގެ ނަތީޖާ ދަށްވުމުގެ ސަބަބުން އޭލެވެލްއަށް ކިޔަވައި ދިނުންވަނީ މިދިޔަ 5 އަހަރު ހުއްޓިފައެވެ. ނަމަވެސް، މިހާރު ހަނިމާދޫ ސްކޫލުން ގްރޭޑް 11 އަދި 12 ކިޔެވުން 2023 ވަނަ އަހަރުގެ ފަހުކޮޅު ވަނީ ފައްޓަވާފައެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ރައްޔިތުންގެ އެދުމަށް ހިންގާ ޕްރީސްކޫލެއް މިރަށުގައި ހުރެއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ހިންގާ ލާރނިންގ ސެންޓަރެއް ބައު ސްކޫލުގެ އިމާރާތުގައި ޚިދުމަތް ދެމުންއައިސް ހަނިމާދޫގައި ތިއްބަވާ ސިފައިންގެ ވަގުތީ މަރުކަޒަކަށް ބައު ސްކޫލު ހަމަޖެހި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ހިންގާ ލާރނިންގ ސެންޓަރުގެ ޚިދުމަތް ވަގުތީ ގޮތުންވަނީ ހުއްޓިފައެވެ. ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިކަމާއި ގުޅޭ އެކި ހަރަކާތްތައް (އީޖާދީ ތަހްލީލްތައް ކުރުމާއި ހުނަރު ދަސްކޮށް ދިނުމަށް) ހިންގުމަށް 315637.00 އަކަފޫޓްގެ ބޮޑު ބިމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ދޫކޮށްފައިވެއެވެ. އަދި ހަނިމާދޫގެ ދަނޑުވެރިންނަށް 5000 އަކަފޫޓުގެ ދަނޑުބިން ދޫކޮއްފައިވެއެވެ.
މިރަށަކީ ބިމުގެ ގޮތުން ތަނަވަސް ބޮޑެތި އިންވެސްޓަރުންނަށް އިންވެސްޓްކުރުމަށް ބިންދޫކުރެވިދާނެ ރަށެކެވެ. މިގޮތުން މިރަށުން މިހާރުވެސް 288000 އަކަފޫޓްގެ ބިން ދޫކުރެވިފައިވެއެވެ. މިރަށުގައި ނަރުދަމާ ނިޒާމެއް ޤާއިމުކުރެވި ސަޕްލައިފެން ގޭބިސީ ތަކަށް ދޫކުރެވިފައިވާކަން ފާހަގަ ކުރެވެއެވެ. ރަށު ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތްތައް ފެށި ކުރިއަށް ދާކަން އުފަލާއެކު ފާހަގަކުރަމެވެ. މިކަމަށްޓަކައި ވެހިކަލްތަކާއި އަދި އެހެނިހެން އާލާތްތައް ކައުންސިލުން ހޯދާފައިވެއެވެ. އަދި ޒަމަނީ ފެންވަރުގެ ކުނި މޭނޭޖްކުރާ މަރުކަޒެއް ސަރުކާރުން އަޅާދީފައިވެއެވެ.
މިރަށުގައި އަސާސީ ޚިދުމަތް ދިނުމުގެ ގޮތުން ހަނިމާދޫއިން އެއްގަމު އުޅަނދުގެ ލައިސެންސް ނެގުމުގެމަގުވަނީ ހަނިމާދޫ ކައުންސިލުންފަހި ކޮއްދީފައެވެ. ފެންވަރު ރަނގަޅު ސްކޭޓް ޕާރކެއް ކައުންސިލްގެ ފަރާތުން އަޅާދީފައިވެއެވެ.
މިރަށުގެ ގިނަ ޒުވާނުން އާންމުކޮށް ކުޅޭ ކުޅިވަރަކީ ފުޓްބޯޅައެވެ. ފުޓްބޯޅަ ކުޅުމަށް ވިނަދޫލަ އަދި މެޓުން ފުޓްސަލް ދަނޑުތައް އެޅި ޒުވާނުން ބޭނުން ކުރަމުން ދެއެވެ. މިހާރު އޮތް ފުޓްބޯޅަ ދަނޑު ވިނަ އިންދާ ފެހިކުރުމުގެ މަސައްކަތް ފެށި ކުރިއަށް ދާކަން ފާގަކުރެވެއެވެ. ހަނިމާދޫ އިޖްތިމާއީ މަރުކަޒުން ޒުވާނުންނަށް ބައެއް ކަހަލަ ކުޅިވަރުތައް އެތަނުގައި ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ. ރަށުގައި ދިރިއުޅޭ ބިދޭސީން ކުރިކެޓާއި ބެޑްމިންޓަން ފަދަ ކުޅިވަރުތައް ކުޅެ ހަދައެވެ. މިފަދަ ބައެއް ކުޅިވަރު ތަކުގައި ބިދޭސީންނާއި ރަށުގެ ރައްޔިތުން ކޮންމެވެސް ވަރަކަށް ބައިވެރި ވަމުން ދާކަން ފާހަގަ ކުރެވެއެވެ. މިއުޒިކާއި ބޮޑުބެރު ޖެހުންފަދަ ކުޅިވަރުތައް މިރަށުގެ ރައްޔިތުން ކުޅެމުން ދެއެވެ. މިގޮތުން މިއުޒިކް ބޭންޑެއް އެކުވެރި ބޭންޑުގެ ނަމުގައި ހަރަކާތް ތެރި ވާކަން ފާހަގަ ކުރަމެވެ.
މިރަށަކީ ވަރަށް ބޮޑަށް ރަށްގިރުމުގެ މައްސަލަދިމާވެފައިވާ ރަށެކެވެ. ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލާއި ސަރުކާރާ ދެމެދު މަޝްވަރާ ކުރެވި މިކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކުރެވެމުން ދެއެވެ. މިސަރަޙައްދުގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ދިރާސާކޮށް ދެނެގަތުމަށްޓަކައި މިރަށުގެ އުތުރުކޮޅުގައި ކްލައިމެޓް އޮބްޒަވޭޓްރީއެއް ގާއިމުކޮށް، މޫސުމަށް އަންނަ ބަދަލުތައް ދިރާސާ ކުރަމުންދެއެވެ.
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން 1999 ވަނަ އަހަރު ހދ. ހޮނޑައިދޫ ރައްޔިތުން އަދި 2007 ވަނަ އަހަރު ހއ. ހަތިފުށީ ރައްޔިތުން މިރަށަށް ބަދަލުކޮށްފައި ވެއެވެ. ސަރުކާރު އެދިލެއްވުމަށް އެކިއެކި ރަށްރަށުގެ މީހުންނަށް ގޯއްޗާއި ހައުސިންގ ޔުނިޓްތައް ކައުންސިލުން ދީފައިވެއެވެ. އެހެންކަމުން ހަނިމާދޫއަކީ ތަފާތު އެކި ރަށްރަށުގެ މީހުން ވަޒަންވެރިވެ އެކުވެރި ކަމާއެކު ދިރިއުޅެމުންދާ ކުށްމަދު ރަށެއްކަން އުފަލާއެކު ފާހަގަ ކުރަމެވެ.
